ނޫސްބަޔާން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ބަލި ޖެހިފައިވާ ދެ މީހަކު ދިވެހިރާއްޖެއިން ފެނިއްޖެއެވެ. މިއީ، މި ބައްޔަށް “ޕޮޒިޓިވް” ކޭސްއެއް ރާއްޖެއިން ފެނުނު ފުރަތަމަ ފަހަރެވެ. ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ޅ. އަތޮޅުގައި ހިންގާ ރިސޯޓެއް ކަމަށްވާ ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުންނެވެ.

މި ދެ މީހުންނަށް މި ބަލި ޖެހިފައިވަނީ، ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު 1 މާރިޗުގައި އެނބުރި ޤައުމަށް ދަތުރުކުރި އިޓަލީ ވިލާތުގެ ފަތުރުވެރިއެއްގެ ފަރާތުން ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކައެެވެ.

މި ދެ މީހުންގެ ސާމްޕަލް ނަގައި، ޓެސްޓުތައް ވަނީ ހެދިފައެވެ. އަދި މިދެމީހުން ތިބީ އިތުރު މޮނިޓަރިންއަށް އެކަހެރިކުރެވިފައެވެ. މީގެ އިތުރުން، ކޯވިޑް-19 ބަލިން ރައްކާތެރިވުމުގެ ގޮތުން އެކުލަވައިލާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމާބެހޭ އިދާރާތަކުން ދަނީ އަމަލު ކުރަމުންނެވެ.

ކުރެއްދޫގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިޔަކު އެނބުރި ޤައުމަށް ދިޔަ ފަހުން، ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެންގުމާއއެކު، ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތައް އެކަހެރިކޮށް، ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާ، އެ ފަތުރުވެރިޔާއާއި “ކޮންޓެކްޓް” ވެފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތްވަނީ ފަށާފައެވެ. އަދި، މި މަސައްކަތުގެ ދަށުން، ކުރެއްދޫއަށް އަރައިފޭބުން ވަގުތީ ގޮތުން މަނާކޮށް، އެ ފަތުރުވެރިޔާގެ ވަކި މިންވަރަކަށް “ކޮންޓެކްޓް” ވީ ފަރާތްތައް އެކަހެރިކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މި ބަލި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނުމާއެެކު، ކަނޑައަޅާފައިވާ ޢާންމު ޞިއްޙަތުގެ ރިސްކް ލެވެލް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ރީނދޫ ލެވެލްއަށް މިވަނީ މަތިކޮށްފައެވެ. އަދި، ކުރެއްދޫ ރިސޯޓަށް ޚާއްޞަކޮށްގެން ޢާންމު ޞިއްޙަތުގެ ރިސްކް ލެވެލް ވަނީ އޮރެންޖަށް މަތިކޮށްފައެވެ. މިއީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޢާންމު ޞިއްޙަތުގެ ރިސްކް ލެވެލްތަކަކީ އަކީ މިފަދަ ބަލިތަކަށް ވެވޭ ތައްޔާރީއާއި ދެވޭ އިޖާބަތައް ކަނޑައެޅުމަށާއި ގުޅުންހުރި ހުރިހާ މުއައްސަސާތައް މަސައްކަތް ކުރާނެ މިންގަނޑު ކަނޑައެޅުމަށާއި އާންމު ދިރިއުޅުމަށް އަންނާނެ ބަދަލުތައް ތަފްސީލުކުރުމަށް ހަދާފައިވާ މިންގަނޑުތަކެކެވެ.

މިނަތީޖާއާއި ގުޅިގެން ދިވެހިރާއްޖޭގައި ކުރެއްދޫ އައިލަންޑް ރިސޯޓް ފިޔަވާ ހުރިހާ ސަރަޙައްދެއް ވަނީ ލެވެލް ރީނދޫގައެވެ. މިހާލަތާއި ގުޅިގެން އަންނާނެ ބަދަލުތަކަކީ:

  • ބަލި ފެނުނު ތަނުގައި ބަލި މީހާގެ ކޮންޓެކްޓުންނާއި އިތުރު މީހުން ސްކްރީންކޮށް ބަލި ހުރިކަން ދެނެގަތުން.
  • ބަލީގެ އަލާމާތްތައް ފެންނަ މީހުން އެކަހެރި ކޮށްގެން ފަރުވާ ދިނުމާއި ކޮންޓެކްޓުން ކަރަންޓީން ކޮށްގެން ބެލެހެއްޓުން. މީގެ ތެރޭގައި ހޯމް އައިސޮލޭޝަންގައި ބޭތިއްބުމާއި ބަލި މީހާ ފެންނަ ސަރަޙައްދު ކަރަންޓީންކޮށް ބެލެހެއްޓުން.
  • ޢާންމުން ހޭލުންތެރި ކުރުވުމާއި ބަލީގެ ހާލަތުގެ މަޢުލޫމާތު ހާމަކުރަމުން ދިއުން.
  • ބަލިމީހުންނާއި ޢާއިލާއަށް ހިތްވަރު ދިނުމާއި ނަފްސާނީ އެހީތެރިކަން ދިނުން.

 

މިރޭގެ 8 ޖެހުމާއި ހަމައަށް ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓް ކުރެވިފައިވަނީ 33 ފަރާތެކެވެ. އަދި މިހާތަނަށް 31 ފަރާތެއް ނެގެޓިވްވެފައިވެއެވެ.

މިވަގުތު ބަލިން ރައްކާތެރިވުމުގެ ގޮތުން، ޢާންމު ސާފުތާހިރުކަން ކަށަވަރު ކުރުމަށް ޚާއްޞަ ސަމާލު ކަމެއް ދިނުމަށް އިލްތިމާސް ކުރަމެވެ. އަދި، މި ބައްޔަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ފެނިއްޖެ ހާލަތެއްގައި، ލަސް ނުކުރައްވައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) ގެ ހޮޓްލައިން 1676 އަށް ގުޅުއްވުން އެދެމެވެ. މީގެ އިތުރުން، ސިއްހީދާއިރާއިންނާއި ކަމާބެހޭ ސަރުކާރުގެ އެހެންފަރާތްތަކުން މިކަމާގުޅިގެން އާއްމު ފަރާތްތަކަށް ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.

7 މާރިޗު 2020