ދިވެހިރާއްޖޭއިން ކޯވިޑް-19 އަށް ދިވެއްސެއް ޕޮސިޓިވްވުން
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ބައްޔަށް ދިވެހިރާއްޖެެއިން ދިވެއްސަކު ޕޮސިޓިވްވެއްޖެއެވެ. މިއީ ދިވެހިރާއްޖޭގައި ދިވެއްސަކު ކޯވިޑް-19އަށް ޕޮސިޓިވްވި ފުރަތަމަ ފަހަރެވެ. ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 22 މާރިޗުގައި އިނގިރޭސި ވިލާތުން ދިވެހިރާއްޖެއަށް ދަތުރުުކުރި ފަރާތެކެވެ. ކޯވިޑް-19އަށް ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކުގެ ދަށުން ރާއްޖެއައުމާއެކު އޭނާ ވަނީ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފައިވާ ހޮލިޑޭ އައިލަންޑް ކަރަންޓީން ފެސިލިޓީގައި ބެހެއްޓިފައެވެ. އަދި 25 މާރިޗު ވަނަ ދުވަހު ބަލީގެ އަލާމާތްތައް ފެނިފައިވުމާއެކު 26 މާރިޗުގައި ކޯވިޑް-19އަށް މީނާ ވަނީ ޓެސްޓްކުރެވިފައެވެ. އަދި ޓެސްޓުން މީނާ ވަނީ ޕޮސިޓިވް ވެފައެވެ.
ކޯވިޑް-19 ބައްޔަށް ރައްކާތެރިވުމުގެ ގޮތުން ކަރަންޓީނުކުރެވޭ ފަރާތްތަކާމެދު ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން ރާއްޖެއައުމާއެކު ކަރަންޓީން ފެސިލިޓީގައި މީނާ ބެހެއްޓިފައިވަނީ މުޅިން އެކަހެރިކޮށް އެހެން މީހުންނާ ދިމާނުވާނެ ގޮތަށެވެ.
ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ކަރަންޓީނު ކުރުމާއި ކަރަންޓީނުގައި ދެމިހުރުމުގެ މުހިއްމުކަން މިދަނޑިވަޅުގައި މި އެޖެންސީން ފާހަގަކޮށް ސަރުކާރުން ބައްޔާ ގުޅިގެން އަޅާފައިވާ ހުރިހާ މުހިއްމު ފިޔަވަޅުތަކަށް ރައްޔިތުންގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކުރަމެވެ.
03 ޝައުބާން 1441
27 މާރިޗު 2020